ލިޔުނީ: ޢަބްދުﷲ ސަޢީދު
ޙާޖީ ބަންޑާރައިންނަކީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. މިރަދުން ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގެ ނަންފުޅަކީ މުޙައްމަދު މަނިކުފާނެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ނުވަތަ ދޮންބަންޑާރައިންނަށް ފަހު ރަސްކަންކުރެއްވީ މި ރަދުންނެވެ. ތާރީޚުގައި ޙާޖީ ބަންޑާރައިން އަދި ޝަހީދުކުޅަ ބަންޑާރައިންނަކީ ވެސް މި ރަދުންނެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1766 އިން 1773 އަށެވެ. އެއީ ހިޖުރައިން 1180 އިން 1187 އަށެވެ.
ޙާޖީ ބަންޑާރައިންނަށް މަލާބާރީން (ހޮޅީން)ގެ ގުރާބުތަކެއް ރާއްޖެ ހިފަން އަންނަ ޚަބަރު ލިބިވަޑައިގަތީ ރޯދަމަހެއްގައި ރޯދަފުޅު ވީއްލަވަން އިންނަވަނިކޮށް ދެނަމާދު ދޭތެރޭގައެވެ. އެއީ ހިޖުރައިން 1184 ވަނަ އަހަރުގެ ރަމަޟާންމަހުގެ 11 ވީ ހޮނިހިރު ދުވަހެވެ. އެ ޚަބަރު ލިބިވަޑައިގެންނެވީ އޭގެ ދެ ދުވަސްކުރިން (ރަމަޟާންމަހުގެ 9 ވަނަ ދުވަހު) އެ ރަދުންގެ ދަރިކަނބަލަކު އަވަހާރަވެގެން އެކަމުގެ ”މޮޅި ހާލުކޮޅުގައި“ އިންނަވަނިކޮށް ކަމަށް ޣިޔާޘުއްދީން ރަދުން ލިޔުއްވާފައިވެއެވެ.
ރަދުންނަށް މަޢުލޫމާތު ލިބިވަޑައިގަތީ ހޮޅީންގެ 2 ގުރާބާއި، 4 ނަވާއި، 8 އޮޑި ކެލާކައިރިން ރާއްޖެ ވަދެގެން ދައްޕަރާ ދިމާއަށް ދަތުރުކުރާ ކަމަށެވެ. މި ޚަބަރު ލިބިވަޑައިގަތުމުން ހަނގުރާމައަށް ތައްޔާރުވެވަޑައިގަތުމުގެ މަސައްކަތްޕުޅު ރަދުން ފެއްޓެވިއެވެ. އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ”ތާރީޚު އިސްލާމި ދީބާ މަޙަލް“ ގައި އޮތީ ދުޝްމަނުން އައީ 6 ނަވާއި، 9 އޮޑީގައި ކަމަށެވެ.
ދުޝްމަނުންނާ ދެކޮޅަށް ޙާޖީ ބަންޑާރައިން ޢަމަލީގޮތުން ހަގުބޭކަލެއްގެ ގޮތުގައި އަތްޕުޅުން ބަޑި ހިއްޕަވައިގެން ޖިހާދު ކުރެއްވިއެވެ. ފީސާ ބައްދަވައިގެން ކަނޑިއާއި ފިސްތޯލައާއި ލޮންސި ތައްޔާރުކުރައްވައި ބޮޑުބަޑިތަކަށް ބޭސް އަޅުއްވާ ހެއްދެވިއެވެ. ފީސާ ބެއްދެވުމަކީ ހަނގުރާމައިގެ ދަޚަނާކޮޅާއި ކަމަރުކޮޅު އުތުރުކުރެއްވުން ކަމަށް ބެލެވެއެވެ. މި ޖިހާދުގައި ދިވެހި ލަޝްކަރުގެ އެންމެ އިސްވެރިޔަކީ ޙާޖީ ބަންޑާރައިންކަމަށް ވިޔަސް ހަނގުރާމައިގެ ކޮމާންޑަރެއްގެ ގޮތުގައި އިސްކުރެއްވީ ދޮށީ ދަރިކަލުން އިބްރާހީމެވެ.
މި ޖިހާދަށް ޙާޖީ ބަންޑާރައިން ފެއްޓެވީ މާލޭގައި އޭރު ހުންނެވި ސައްޔިދު ބޭކަލަކު ލައްވައި ޞަލަވާތް ކިޔުއްވައި، ހަނގުރާމައިގެ ދިދަ ނެންނެގުމަށްފަހުގައެވެ. ވަކި ވަރަކަށް ދިދަ ނެންގެވުމަށްފަހު ދިދަ ހަވާލު ކުރެއްވީ އެ ސައްޔިދު ކަލޭގެފާނު އަރިހުގައި އުޅޭ ޢުމަރު ކިޔާ ޢަރަތްބަކާއެވެ. އޭނާ ދިދަ ނަގާ ޖެއްސުމުން އޮތީ ރަދުންނަށް ބައިޢަތު ހިފުމެވެ. ސައްޔިދު ކަލޭގެފާނު ގޮވާލެއްވިއެވެ. ”ބަންޑާރައިން (ރަދުން) ވީއްލައިނުލައި (ދޫކޮށްނުލައި) އިސްލާމްދީނަށް ޓަކައި ސުވަރުގެ ވަންނާނީ ކޮން މީހަކު (ކާކު) ހެއްޔެވެ. ތިމަންނާ އަރިއަހު (ކައިރީގައި) ބުނާށެވެ.“ މި ގޮވާލުމަށް އެ ތަނުގައި ތިއްބެވި ރަސްކަމުގެ ބޮޑުން ޙާޖީ ބަންޑާރައިންނަށް ބައިޢަތު ހިއްޕެވިއެވެ. އެއަށްފަހު ސައްޔިދު ކަލޭފާނު އަމުރު ދެއްވީމާ ޙާޖީ ބަންޑާރައިންގެ އަތްޕުޅުން ދުޝްމަނުންނަށް ހަމަލާދޭން އޮތް އެއް ބޮޑުބަޑިއަށް ލާަޖަހައި ނިވާލި އަޅުއްވައި ތައްޔާރީ ހާލަތަށް ގެންނެވިއެވެ. ބަޑީލާ ޖެހުމަކީ ބަޑީއަށް ބޭސް އަޅައި ހިމަ ދަގަނޑަކުން ގެންނެވުމެވެ. ނިވާލިއަކީ އުންޑަ ނާޅައި ބޮޑުބަޑި ޖަހާއިރު އުންޑައިގެ ބަދަލުގައި ލާ ބޮނޑިއެވެ.
ހޮޅީންގެ ލަޝްކަރު ރާއްޖޭގެ އެކި ތަންތަނުގައި ޖައްސަމުން މާލެއާ ހަމައަށް ފޯރީ ޛުލްޤަޢިދާމަހުގެ 28 ވީ އަންގާރަ ދުވަހުއެވެ. ދުޝްމަނުންގެ ލަޝްކަރު ދޫނިދުއާއި ވިހަމަނާފުށްޓާ ދޭތެރޭގައި ބަނދަރުކޮށް، ހުޅުލެއަށާއި ފުނަދުއަށް ފައިބާ ފަސްބާޑިޖެހިއެވެ. މާލެއަށް ހަމަލާދިނީ ފުނަދުއަށް ބަޑިތައް ބާލައިގެން އެ ރަށުގައި ތިބެގެންނެވެ. މާލޭއިން ދިފާޢުގައި ބަޑި ޖަހަމުން ދިޔައީ މާލޭގައި އޭރު ހަދާފައި ހުރި ބައެއް ބަޑި ބުރުޒުތަކުންނެވެ.
ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ވާގޮތުން މި ހަނގުރާމައިގައި ދުޝްމަނުން 597 އުންޑަ މާލެއަށް ފޮނުވާލިއެވެ. މާލެއިން ދުޝްމަނުންނާ ދެކޮޅަށް 245 ފަހަރު ބަޑިޖެހިއެވެ. ޣިޔާޘުއްދީން ރަދުން ލިޔުއްވާފައިވާ އަދަދުތަކަށް ބަލާއިރު 246 ވެއެވެ. އެއީ ބޮޑު ބުރުޒާއި މާފަތްވަރާއި ހަކުރަވަރުން ޖެހި 40 ބަޑިއާއި، ރަންޖެހި ގަނޑުވަރު ބުރުޒުން ޖެހި 98 ބަޑިއާއި، ނާނޭ ބުރުޒުން ޖެހި 63 ބަޑިއާއި، އޮއިކޮޅު ބުރުޒުންޖެހި 10 ބަޑިއާއި، އައު ބުރުޒުން ޖެހި 33 ބަޑިއާއި، ދުޝްމިނުން ވިލިނގިއްޔަށް ދެ ބައްތެލީގައި ދާން އުޅޭތީ ޢީދު މިސްކިތު ބުރުޒުން ބައްތެއްޔަށް ޖެހި 2 ބަޑިއެވެ.
ހަނގުރާމައިގެ ތެރޭގައި ޙާޖީ ބަންޑާރައިން ރައްޔިތުންނަށް ހިތްވަރު ދެއްވައި ވިދާޅުބަސްފުޅެއް އިއްވިއެވެ. އެ ބަސްފުޅަކީ ހޮޅީން ހުޅުލޭންނާއި، ފުނަދޫންނާއި އެ ބައިމީހުންގެ ހުރިހާ ނާޒޯންގުން (އުޅަނދުތަކުން) ބަޑިތަޅަމުން މާލެވަށައިގެން ރަށަށް އަރާން ވެސް އުޅޭނެއެވެ. އޭރުން އެއްވެސް މީހަކު ހޮޅީންގެ ގަދަކަމާމެދު ފިކުރު ނުކުރާށެވެ. މާތްރަސްކަލާގެ ކީރިތިކަމާއި ކުޅަދުންވަންތަކަން ހިތަށް އަރުވާށެވެ. ޣިޔާޘުއްދީން ރަދުން ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުން ތިބީ އެގޮތުގައެވެ.
މި ހަނގުރާމައިގައި ދުޝްމަނުން މާލެއަށް ދިން ޙަމަލާތަކުގައި ދެ އަންހެނަކާއި އެތަނުން އެކެއްގެ އުރުގައި އިން ކުޑަ ކުއްޖަކު ޝަހީދުވިއެވެ. މާލެއިން ދުޝްމަނުންނަށް ދިން ހަމަލާތަކުން ދުޝްމަނުންގެ އެކަކު މަރުވިއެވެ. އެމީހާ ވަޅުލީ ހުޅުލޭގައެވެ.
ރަމަޟާން މަސް ނިމުނުއިރު ދުޝްމަނުން މާލެއަކަށް ހަމަލާއެއް ނުދެއެވެ. އެހެންވެ މާލެއިން ވެސް ހަމަލާއެއް ނުދެއެވެ. ނަމަވެސް އެއްބަޔަކު އަނެއްބައެއްގެ އޮޑިފަހަރު ފަހައި ކަނޑުމަތީގައި ހަމަލާ ބަދަލުކުރިއެވެ. އެންމެފަހުން ދުޝްމަނުން ބަލިވެގެން ރާއްޖެ ދޫކޮށް ފުރީއެވެ. އެ މީހުންގެ ފަހަތުން ރާއްޖޭގެ ލަޝްކަރު ފޮނުވިއެވެ. އެ ލަޝްކަރުގައި ހިމެނުނީ ގުރާބަކާއި ދެ ބަނޑުއޮޑިއާއި، އަރުމާޒު އޮޑިއަކާއި، ރޯނުޖެހި ތިން މަސްދޯންޏެވެ.
ހޮޅީން ރާއްޖެ ހިފާނެކަމަށް ބަލައި އަލީރާޖާ ފޮނުވި ފަތާއި، ހަދިޔާއާއި އިނާމާއި ހަވާދު ހިފައިގެން އައި މަލިކު އޮޑިއެއް މާޅޮސްމަޑުލު ކިނޮޅޮހު ބޭރުގައި އޮތް ޚަބަރު ލިބިގެން އެ އޮޑިދޮށަށްގޮސް ދިވެހި ލަޝްކަރުގެ ބާރުގެ ދަށަށް އެ އޮޑި ގެނައެވެ. އެ އޮޕަރޭޝަންގެ ތެރޭގައި ބަޑިއެއް ފަޅައިގެންގޮސް ދިވެހި ލަޝްކަރުގެ ދެ ބޭކަލަކު ޝަހީދުވެ، އެއް ބޭކަލަކު ވަރަށް ބޮޑަށް ޒަޚަމުވިއެވެ.
މި ޖިހާދުން ނަޞްރުން ލިބުމާގުޅިގެން ފަނޑިޔާރު ތަކުރުފާނު ލައްވައި ދަރިކަލުންނަށް ”އައްސުލްޠާނުލްޣާޒީ އިބްރާހީމް“ މި ނަންފުޅު ދެއްވިއެވެ. އަދި ހޮޅީން އަތުން އެ އަހަރު އަތުލައިގެންނެވި ބައެއް ބަޑީގެ ހަރުތަކުގައި މި ދަރިކަލުންގެ ނަންފުޅު އެޅުއްވިއެވެ.
ރިފަރެންސް:
ޙަސަން ތާޖުދީން. (2020). ތާރީޚު އިސްލާމި ދީބާ މަޙަލް. ދިވެހިބަހުގެ އެކެޑަމީ.
މުޙައްމަދު ޣިޔާޘުއްދީން. (2011). ޙާޖީ ބަންޑާރައިންގެ ހަނގުރާމަ. ފަތްތޫރަ 378. 2-5